ރަށު ކައުންސިލުން ދޭން ލާމަރުކަޒީ ޤާނޫނުން ލާޒިމުކުރާ ޚިދުމަތްތައް

ލާމަރުކަޒި ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބާރާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް ތިރީގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ޚިދުމަތްތައް ރަށު ކައުންސިލުން ދޭން އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (ހ) ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން. (ށ) އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން. (ނ) ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން. (ރ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން. (ބ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން. (ޅ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން. (ކ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން. (އ) ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމު ޤާއިމްކުރުން. (ވ) އިޖްތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން. (މ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން. (ފ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުން. (ދ) ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން. (ތ) މިސްކިތްތައް ބެލެހެއްޓުން. (ލ) ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން. (ގ) އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން. (ޏ) ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން. (ސ) މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން. (ޑ) ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން. (ޒ) ޕެސްޓް ކޮންޓްރޯލްކުރުން. (ޓ) ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން. (ޔ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅު އެޅުން. (ޕ) މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާއެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން. (ޖ) ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން. (ޗ) ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާޠިލުކުރުން. (ހހ) އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން. (ހށ) ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.