
ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަތްކެޔޮދަނޑު ހެއްދުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބިފައިވާ ފަތްކެޔޮދަނޑު ހެއްދުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ވައިކަރަދޫގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް މިއަދު ހުޅުވާލައިފިއެވެ.
މިކަމަށް މިއަދު ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޕްރޮޖެކްޓަކީ ރަށުގެ އަންހެން ކަނބަލުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން އަންހެނުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކެމެކެވެ.
މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާން ޝައުޤުވެރިވާ އަންހެން ކަނބަލުން، 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ވައިކަރަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން، އެކަމަށް އެދޭ ފޯމު ނަންގަވައި ފޯމު ހުށަހެޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޢާއިޝަތު ޙަނީފާގެ ނަންބަރު 7510868 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.
ފޮޓޯ ގެލެރީ


