ހުރިހާ ޚަބަރު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގެ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވައިކަރަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީ އަދި ރަށުގެ މުއައްސަސާތައް ގުޅިގެން ރަށުގެ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ރަށުގެ އާންމު ރައްޔިތުންގެ އިތުރުން ސުކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންވެސް ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރަށުގެ ތުނޑީކޮޅާއި، އުތުރުފަރާތް އަދި ދެކުނު ފަރާތުގައި އާންމުން މޫދަށް އެރިއުޅޭ ސަރަހައްދުތަކުގެ ގޮނޑުދޮށްތައް ވަނީ ސާފުކޮށްފައެވެ. މި ހަރަކާތް ފެށިގެންދިޔައީ ޖޫން މަހުގެ 6 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައި އާރު.ޓީ.އެލް ހަޓު ކައިރިންނެވެ. މަސައްކަތް ފެށުމުގެ ކުރިން ބައިވެރިވި ހުރިހާ ފަރާތްތަކަށް ކައުންސިލުން ވަނީ ކުޑަ ސައެއް އަރުވާފައެވެ.

މިއަދުގެ ސާފުކުރުމުގެ ހަރަކާތްތައް ރޭވުމާ އެއްގޮތަށް ކުރިއަށް ގޮސް، ހެނދުނު 10:15 ހާއިރު ވަނީ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. އަދި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތައްޔާރުކުރި ފަރީއްކޮޅެއް ހެނދުނު 11:00 ގައި އާރު.ޓީ.އެލް ހަޓުގައި ވަނީ ބާއްވާފައެވެ.

މި ޙަރަކާތުގައި ބައިވެރި ހުރިހާ ފަރާތްތަކަށް މި ކައުންސިލާއި  އ.ތ.މ ކޮމެޓީގެ ފަރާތުން މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމަށް ރަށުގެ މުއައްސަސާތަކާއި، ދަރިވަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ވަރަށް ޚާއްޞަ ޝުކުރެއް  ދަންނަވަމެވެ.

ފޮޓޯ ގެލެރީ