
ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފި
މިއަހަރުގެ ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ވައިކަރަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގުޅިގެން ރަށުގެ އިސްރަށްވެހިންނަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. އޮކްޓޫބަރ 9 ވަނަ ދުވަހުގެ ރޭ ސުލައިމާނިއްޔާ ހޯލުގައި ބޭއްވުނު މި ޙަފްލާގައި ވައިކަރަދޫގައި ދިރިއުޅޭ 55 އަހަރުން މަތީގެ ގިނަ ޢަދަދެއްގެ އިސްރަށްވެހިން ބައިވެރިވިއެވެ.
މި ޙަފްލާ ފެށުމުގެ ގޮތުން ވައިކަރަދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ޢާފިރު ވާހަކަދެއްކެވި އިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވާހަކަދެއްކެވީ އެ ކޮމިޓީގެ ރައީސާ ޢާއިޝަތު ޙަނީފާއެވެ. މި ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް، ޢުމުރުން ދުވަސްވީ މީހުން މުޖުތަމަޢަށާއި ރަށުގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ބޭނުންވާ ލޯތްބާއި އަޅައިލުން މުޖުތަމަޢުގެ ފަރާތުން ދިނުމާއި، އެ މީހުންގެ ތަޖުރިބާގެ ބޭނުން ހިފުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މި ޙަފްލާގެ ތެރެއިން އިސްރަށްވެހިންގެ ޝަރަފުގައި ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއް އެރުވުން އޮތެވެ. މީގެއިތުރުން، އިސްރަށްވެހިންގެ އަގުވަޒަންކުރުމަށާއި މާޒީގެ ހަނދާންތައް އައުކޮށްދިނުމުގެ މަޤްޞަދުގައި ކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ޑްރާމާއަކާއި ޝުކުރުގެ ބަންޖެއް އިއްވުންވެސް ކުރިއަށްދިޔައެވެ.
މި ޙަފްލާގައި ވައިކަރަދޫގައި މިވަގުތު ދިރިއުޅޭ އެންމެ ޢުމުރުން ދުވަސްވީ 3 ފަރާތް ފާހަގަކުރިއެވެ. އަދި މި ޙަފްލާގައި ބައިވެރިވި ކޮންމެ އިސްރަށްވެއްސަކަށްވެސް ވަނީ ހަދިޔާއެއް އަރުވާފައެވެ.
ފޮޓޯ ގެލެރީ



