ވަގުތު ގާ

ހދ. ވައިކަރަދޫ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ބެހެއްޓިފައިވާ މި "ވަގުތު ގަލަކީ" އެ ރަށުގެ ތާރީޚާއި ފަންނުވެރިކަން ދައްކުވައިދޭ ވަރަށް މުހިންމު އާސާރީ ބިނާއެކެވެ.ގަލުގައި ހަރުކޮށްފައިވާ ލޮއި ފޮތީގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެ ލޮއި ފޮތީގައިވާ ގޮތުން، މި ގައަކީ އަލްމުޢައްލިމް ހިމިތީ އިސްމާޢީލް ކަލޭގެފާނުގެ ތުއްތޫ، "ނޫރީ" ގައިވާ ލޮގުގެ ހިސާބުތަކަށް ބިނާކޮށް، މުރީދު އިބްރާހީމް މަނިކުގެ އިރުޝާދުގެ ދަށުން ވައިކަރަދޫ ރައްޔިތުން ތައްޔާރުކުރި ގަލެކެވެ. މި ގައު ފަރުމާކުރެވުނީ އޭރު މާލޭގެ ފަނޑިޔާރުގޭގައި ހުރި ވަގުތު ގަލަށްވުރެ ވަގުތު ބެލުމުގައި ސައްހަ އަދި ސީދާ ގޮތެއް ކަމަށް ބަލައިގެންނެވެ. މި ވަގުތު ގައު ބެހެއްޓިފައިވަނީ 15 މުޙައްރަމް 1349 (12 ޖޫން 1930) ގައެވެ. މިހާރު މި އާސާރީ ތަރިކައަށް ވަނީ 94 އަހަރު ފުރިފައެވެ. މިއީ ދިވެހިންގެ އިހުގެ ފަންނުވެރިކަމާއި، ވަގުތު ބެލުމަށް ގެންގުޅުނު ސައިންސީ ހަމަތަކުގެ މުހިންމު ނިޝާނެކެވެ.